އިމްތިޙާނު ކުރެވޭ ސިލަބަސް : ދިވެހިރާއްޖޭގެ ތަޢުލީމުކުރިއަރުވާ މަރުކަޒުން ތައްޔާރު ކުރައްވާފައިވާ ޤައުމީ މަންހަޖުގެ މަތީ ސާނަވީ މުޤައްރަރުގެ ދިވެހިބަހާ އިސްލާމިކް ސްޓަޑީޒްގެ ބައިންނެވެ.
އިމްތިޙާނު ކަރުދާސް ތައްޔާރު ކުރާގޮތް : މިއިމްތިޙާނުގެ ސުވާލު ކަރުދާސް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދަނީ އެގްޒޭމިނަރުންގެ ޕެނަލަކުންނެވެ. މިޕެނަލުގައި ހިމެނޭ ބޭފުޅުންގެ ކިބައިގައި ހުންނަން ލާޒިމުކުރާ ޝަރުޠުތަކުގެ ތެރޭގައި މި މުޤައްރަރަށް ފޮތް ލިޔުއްވާފައިވާ ބޭފުޅުން ކަމުގައި ވުމާއި ނޫންނަމަ މަތީ ސާނަވީ ސްކޫލެއްގެ ގްރޭޑް 11، 12 މިދެ ގްރޭޑްގައި ކިޔަވައިދީ ތަޖުރިބާ ޙާޞިލުކޮށްފައިވުމާއި މިމުޤައްރަރަށް ކިޔަވައިދޭ މުދައްރިސުން ތައްޔާރު ކުރުމުގެ މަސައްކަތް ޢަމަލީގޮތުން ކުރެއްވުމާއި މިމާއްދާއާއި ގުޅޭގޮތުން މަތީތަޢުލީމު ޙާޞިލު ކުރައްވާފައިވުމާއި މިހާރު އެއްވެސް ސްކޫލެއްގައި މިމުޤައްރަރަށް ކިޔަވައިދޭ ބޭފުޅަކު ކަމުގައި ނުވުން ހިމެނެއެވެ. އެގްޒޭމިނަރުން ސުވާލު ކަރުދާސް ތައްޔާރު ކުރައްވާނީ އިމްތިޙާނު ކުރުމަށްޓަކައި ކަނޑައެޅިފައިވާ ސްޕެސިފިކޭޝަނާއި އެއްގޮތްވާ ގޮތުގެ މަތިން އޭގައި ކަނޑައަޅފައިވާ އުޞޫލުތަކާާ އެއްގޮތަށެވެ. އިމްތިޙާނުގެ ސްޕެސިފިކޭޝަނަށް ބަދަލު އަތުވެއްޖެނަމަ އެކަން ހުރިހާ ސެންޓަރަކަށް ޑީ.ޕީ.އީ އިން އަންގާނެއެވެ. އަދި މިއިމްތިޙާނު ހެދުމަށް ސެންޓަރ ރަޖިސްޓްރީ ކުރުމަށްފަހު ސިލަބަސް ލިބިގަންނަ ފަދައިން ސްޕެސިފިކޭޝަން ހޯދުމަކީ އެ ސެންޓަރަކުން ކުރަންޖެހޭނެ ކަމެކެވެ. އަދި އިމްތިޙާނަށް ކެންޑިޑޭޓުން ތައްޔާރު ކުރެއްވުމަށް ގްރޭޑް 11 އިން ފެށިގެން އިމްތިޙާނު ދެއްވުމުގައި މިސްޕެސިފިކޭޝަނުގެ މިންގަޑާ އެއްގޮތަށް ކެންޑިޑޭޓުން ހާނުވަމުން ގެންދިއުމަކީ ބޭނުންތެރި ކަމެކެވެ. (ސްޕެސިފިކޭޝަން ބައްލަވާ)
މާކުކުރުން : މިއިމްތިޙާނު ނިމުމުން ތަފާތު ސެންޓަރުތަކުގެ ކެންޑިޑޭޓުންގެ އިމްތިޙާނުގެ ޖަވާބު ކަރުދާސްތަކުގެ މައްޗަށް ހިމެނޭ ނަމޫނާ ކަރުދާސްތަކެއް ނެގުމަށްފަހު މިކަރުދާސް ސުވާލު ކަރުދާސް ތައްޔާރު ކުރެއްވި ބޭފުޅުން ބައްލަވާ އެބޭފުޅުން އެކުލަވާލެއްވި މާކިންސްކީމާއި ސުވާލާ ސުވާލުގެ މަޤްޞަދުވެސް ބައްލަވާ ހެއްދެވުމަށްފަހު މިކަރުދާސްތަކުގެ އަލީގައި މާކިންސްކީމަށް ގެންނަން ފެންނަ އިޞްލާޙީ ބަދަލުތައް ގެންނަވާނެއެވެ. އަދި މިއިމްތިޙާނު މާކުކުރާ މާކަރުން މޮޑަރޭޓް ކުރައްވާނެ މޮޑަރޭޓަރުންގެ ބައްދަލުވުމަށް ތައްޔާރުވާނެއެވެ. އޭގެ ފަހުގައި މިދެންނެވި މޮޑަރޭޓަރުން މެދުވެރިކޮށް ނަމޫނާ ކަރުދާހުގެ 10 ކަރުދާސް ކޮންމެ ކަރުދާހަކުން ( ކަރުދާސް1، ކަރުދާސް2 ) މާކު ކުރައްވައި މާކިންސްކީމާމެދު ވާހަކަ ދައްކަވައި ދަރިވަރުންގެ ޖަވާބަށް ބައްލަވައި މާކިންސްކީމަށް ގެންނަން ފެންނަ އިޞްލާޙުތައް ގެންނާނެއެވެ.
ދެން އެއަށްފަހު މާކަރުންނަށް ހިންގާ 4 ދުވަހުގެ ވޯކް ޝޮޕެއް މިކަމަށް އެދިފައިވާ މާކަރުންނަށް ހިންގޭނެއެވެ. އިމްތިހާނު މާކުކުރުމަށް ނެގޭ މާކަރުންނަކީ މިދެންނެވި 4 ދުވަހުގެ ވޯކްޝޮޕްގައި ބައިވެރިވެ އެބައިވެރިން މާކު ކުރާ 20 ކަރުދާސް މާކުކުރުމުން އެމާކަރަކަށް ލިބޭ ޕޮއިންޓްގެ ތަރުތީބުން އެންމެ މަތިން ޕޮއިންޓް ލިބޭ މާކަރުންގެ ތެރެއިން އެއަހަރަކު ހޮވަން ކަނޑައަޅާ މާކަރުންގެ ޢަދަދަށް ހޮވޭ މާކަރުންނެވެ. މާކަރުންގެ ވޯކްޝޮޕް ބާއްވަނީ އިމްތިޙާނު ކަރުދާހަށް ހޭނިލުމަށްޓަކައިވެސް ކުރަންޖެހޭ ކަމަކަށްވާތީއެވެ.
މާކަރުން ހޮވުމަށްފަހު އިމްތިޙާނުގެ ސިއްރު ހިފެހެއްޓުމަށާއި އެއްވެސް ކެންޑިޑޭޓެއްގެ ޙައްޤަށް އަރައި ނުގަތުން ޝަރުޠުކޮށް މިކަމުގައި ބައިވެރިވާ ހުރިހާފަރާތެއް ވަކިވަކިން އިޤްރާރެއްގައި ސޮއި ކުރާނެއެވެ. މިގޮތުން ކުރެވޭ އިޤްރާރަކީ އިމްތިޙާނުގައި ކެންޑިޑޭޓެއްގެ ޙައްޤު ގެއްލިދާނެތީ އެޙައްޤު ޙިމާޔަތްކުރުމަށް ޑީ.ޕީ.އީ އިން އަޅާ ޚާއްޞަ ފިޔަވަޅެކެވެ. އިމްތިޙާނުގައި ވަކިކެންޑިޑޭޓެއްގެ ޙައްޤަށްވުރެ އެންމެހާ ކެންޑިޑޭޓުންގެ ޙައްޤު އެއްވަރަކަށް ދިފާޢުކުރުން މުހިންމު ވާތީ މިފިޔަވަޅު މިގޮތަށް އެޅެއެވެ.
މާކުކުރުމަށް ހޮވޭ މާކަރުން ހޮވުމަށްފަހު ގްރޫޕެއްގައި 5 މާކަރުން ނުވަތަ 4 މާކަރުން ހިމެނޭ ގޮތަށް ގްރޫޕްކޮށް މޮޑަރޭޓަރެއްގެ ބެލުމުގެ ދަށުން މާކުކުރުން ކުރިޔަށްގެންދާއިރު މާކުރާ ހޯލުގައި އެމާކަރުން މާކުކުރާ ކޮންމެ 10 ކަރުދާހަކުން އެއްކަރުދާސް މޮޑަރޭޓަރު މޮޑަރޭޓް ކުރަމުން ދާނެއެވެ. އަދި މޮޑަރޭޓަރު މޮޑަރޭޓް ކުރާގޮތް އެގްޒޭމިނަރަކު ބައްލަވާނެއެވެ. އަދި މާކަރާ މޮޑަރޭޓަރުގެ މަސައްކަތް ރަގަޅުތޯ ބަލާ އޮޑިޓިންގ އެގްޒޭމިނަރުންވެސް ހޯލުގައި މަސައްކަތް ކުރާނެއެވެ. 10 ކަރުދާހުގެ ޖަވާބު ކަރުދާސް ޕެކެޓެއް މާކުކޮށް ނިމުމުން އެމާކަރު މާކުކޮށްފައި މާކުސް ޖަހާފައިވާ ޝީޓްގައި މާކުސް ޖަހާފައިވާ ގޮތް އިދާރީ މޭޒަކުން ބަލާ މާކުސްގެ އެއްކުރުމާއި މާކުސް ނެގުން ރަގަޅުތޯވެސް ޗެކް ކުރާނެއެވެ. ވުމާއެކު 10 ކަރުދާހުގެ ކަރުދާސްޕެކެޓެއް މާކުކޮށް ނިމި އިދާރީ ފައިނަލް މޭޒަށް އަންނައިރު އެކަރުދާސްތައް މާކުކޮށް ނިމިފައިވަނީ ރަގަޅަށްކަން ބަޔާންކުރާ މާކަރުގެ ސޮޔާއި އެއްކުރުމާއި ހުރިހާ ސުވާލެއް މާކުކުރިތޯ ބަލާ ޗެކުކޮށް ސޮއިކުރި ފަރާތެއްގެ ސޮޔާއި މާކަރުގެ މާކިންގ ރަގަޅުކަމަށް މޮޑަރޭޓަރު ކުރި ސޮޔާއި މާކަރުގެމާކިންނާއި މޮޑަރޭޓަރުގެ މޮޑަރޭޓިންގ ރަގަޅުކަމަށް ބެއްލެވި އޮޑިޓިންގ އެގްޒޭމިނަރުގެ ސޮޔާއި އަދި މިހުރިހާ ފަރާތެއްގެ މަސައްކަތް ފުރިހަމައަށް ކުރައްވާފައިވާ ކަން ބަޔާންކުރާ އެގްޒޭމިނަރުންގެ ސޮއި ހިމެނޭނެއެވެ. މިގޮތަށް މިމަސައްކަތް ކުރަނީ ކެންޑިޑޭޓަކަށް ލިބެންޖެހޭ ޙައްޤު ގެއްލުނަ ނުދިނުމަށްޓަކައެވެ.
ރީޗެކް: ނަތީޖާ ދޫކޮށް ނިމުމުން ނަތީޖާއާއި މެދު ހިތްހަމަނުޖެހޭ ފަރާތްތަކުން ނަތީޖާ ރީޗެކްކުރުމަށް ހުށައަޅަން ދެވޭ މުއްދަތުގައި ހުށައަޅަން ޖެހޭ ޤަވާޢިދުން ހުށައެޅުމުން ރީޗެކް ކުރެވެއެވެ. ރީޗެކް ކުރަމުންދަނީ އެކަމަށްޓަކައި އެކުލަވާލެވޭ ކޮމެޓީއަކުންނެވެ. މިކޮމެޓީން ރީޗެކް ކުރާނީ ރީމާކެއްގެ ގޮތަށް މުޅި ޖަވާބުކަރުދާސް ރީމާކު ކުރުމުންނެވެ. (ރީޗެކް ޤަވާޢިދު ބައްލަވާ)
އިމްތިހާނުގެ ނަތީޖާއަށްފަހު އިމްތިހާނާ ބެހޭ ރިޕޯޓް ސެންޓަރުތަކަށް ފޮނުވޭނެއެވެ. މިރިޕޯޓްގެ ބޭނުމަކީ ސެންޓަރުތަކަށް ދިމާވެފައިވާ މައިގަނޑު މައްސަލަތައް ފާހަގަ ކުރުމެވެ. އެހެންކަމުން ހުރިހާ ސެންޓަރަކުންވެސް އިމްތިހާނުގެ ރިޕޯޓަށް ބައްލަވައި ކެންޑިޑޭޓުން އިމްތިހާނަށް ތައްޔާރު ކުރުމަށް އަޅަންވާ ފިޔަވަޅުތައް އެޅުއްވުން އެދެމެވެ.
އިމްތިހާނުގެ ނަތީޖާއަށްފަހު ނަތީޖާ ސްލިޕާއި ސެޓްފިކެޓް ނެގުމަކީ ކެންޑިޑޭޓުން ސަމާލުކަން ދޭންޖެހޭ މުހިންމު ކަމެކެވެ. ވީމާ ސެޓްފިކެޓާއި ނަތީޖާ ނެގުމަށް އެކެންޑިޑޭޓަކު އިމްތިހާނުގައި ބައިވެރިވި ސެންޓަރަކަށް ގޮސް އެތަކެތި އަވަހަށް ލިބިގަންނަންވާނެއެވެ.
|